ނޫނު އަތޮޅު ތަރައްގީ ޕްލޭނާއި މަނަދޫ ތަރައްގީ ޕްލޭންގެ މަޝްވަރާ ބައްދަލުވުން

އިވެންޓް

ޝާއިރުކުރީ

25 އޭޕްރިލް 2022

ނޫނު އަތޮޅުގެ ތަރައްގީ ޕްލޭނާއި މަނަދޫ ތަރައްގީ ޕްލޭނާ ގުޅޭގޮތުން ދެކައުންސިލުން މިއަދު ބައްދަލުކޮށް ވަނީ މަޝްވަރާކޮށްފައެވެ. މިބައްދަލުވުމަކީ އަތޮޅު ކައުންސިލުން އިސްނަގައިގެން ދެކައުންސިލުން ބޭއްވި ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި އަތޮޅު ކައުންސިލުން އަތޮޅު ތަރައްގީ ޕްލޭން ތައާރަފްކުރެވުނެވެ. އަދި މިހާރު ފަށާފައިވާ ޕްރޮގްރާމްތަކާއި ކުރިއަށްހުރި ޕްރޮގްރާމްތައް ފެށުމަށް ކުރެވޭ މަސައްކަތް ހިއްސާކުރެވުނެވެ. ދެ ޕްލޭނުގައިވެސް މިއަހަރު އިސްކަންދީގެން ހިންގުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކާއިމެދު މަޝްވަރާ ކުރެވުނެވެ. އަދި ހަރަކާތްތައް ހިންގުމުގައި ދެކައުންސިލުން ޒިންމާވާނެ ކަންކަމާ ޝާމިލްވާނެ ގޮތްތަކާމެދު އެއްބަސްވެވުނެވެ. ހާއްސަކޮން އިސްރާފު ކުޑަކޮށް އިގްތިސާދުގައި ހިފެހެއްޓުމުގެ ޕްރޮގްރާމް މެދުވެރިކޮށް މަނަދޫގައި އިސްރާފުވެ އުކާލާ ތަކެއްޗާ ސާމާނުގެ މައްސަލައަށް ގެނެސްދެވޭނެ ހައްލުތަކާއިމެދު ހިޔާލު ބަދަލުކުރެވުނެވެ. އަދި އެހަރަކާތްތަކުގެ ތެރެއިން މަނަދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާނެ ހަރަކާތްތަކާއިމެދު މަޝްވަރާ ކުރެވުނެވެ.

މަޝްވަރާކުރެވުނު ނުކުތާތައް

  • އިސްރާފުވާ ސާމާނު މަދުކޮށް އަލުން އަނބުރާ އިގްތިސާދުގައި ހިފެހެއްޓުމުގެ ޕްރޮގްރާމުގައިވާ ގޮތުން އެވިޔަފާރި ދެކޮޅުޖައްސާ ދެމެހެއްޓުމަށް ބައެއް ރަށްރަށުގައި ބައެއް މަސައްކަތް ސްކޭލްއަޕްކުރުމަށް ކަނޑައަޅާފައިވާތީ އެތަންތަނާ ރަށްރަށް ކަނޑައެޅުމުގައި ބަލަންވީ ކަންކަމާ މަޝްވަރާކުރެވުނެވެ. ޕްލޭންގައިވަނީ ހުރިހާ ބާވަތެއްގެ އިސްރާފު ހުރިހާ ރަށެއްގަ ބެލެހެއްޓުމުގެ ބަދަލުގަ ފެރީ ނިޒާމަކާ ގުޅުވާލައިގެން އެކިރަށުގަ ބައެއް ބާވަތުގެ އިސްރާފުވާ ސާމާނު ޕްރޮސެސް ކުރަން ނުވަތަ ރިސައިކަލްކުރުމަށެވެ. ދެ ކައުންސިލަށްވެސް މިގޮތަށް މިކަން ހިންގުމަށް އެއްބަސްވެވެއެވެ.

  • އިސްރާފުވެ ބާކީވާ ސާމާނުގެ މައްސަލައަށްވެސް އޮތް ހައްލަކީ އަތޮޅު ދަތުރުފަތުރުގެ ނިޒާމް ވަރުގަދަކުރުން ކަމަށް މަނަދޫ ކައުންސިލުން ފާހަގަކޮށް، މިހާރު ދަތުރުފަތުރުގެ އޮޕަރޭޓަރާ މަޝްވަރާކޮށް މުދާ އުފުލުމުގައި ހައްލުނުގެނެވި ލަސްވަނީނަމަ، މައްސަލަ ފޫބެއްދުމަށް މުދާ ފެރީގެ ހިދުމަތް އަތޮޅު ކައުންސިލުން އެކުލަވާލާފައިވާ ޕްލޭނާއި ބަޖެޓް ފާސްކުރުން އަވަސްކުރުން މުހިއްމުކަމަށް ދެކައުންސިލަށްވެސް ފެނެއެވެ.

  • އިސްރާފު މެނޭޖްކުރުމަށް ހޯދާ މެޝިނަރީއާ ސާމާނު ބޭނުންކޮށް ބެލެހެއްޓުމާ މަރާމާތުކުރުމަށް ރަށު ކައުންސިލުން އެތަކެތި ޑިޕްރިސިއޭޓް ނުވަތަ އިންޝުއަރކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް އަތޮޅު ކައުންސިލުން ކަނޑައަޅާފައިވާތީ އެކަންކުރިއަށް ގެންދިއުމަށް މަނަދޫ ކައުންސިލުގައި އެދެވުނެވެ.

  • މިހާރު މަނަދޫގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރު އަޕްގްރޭޑް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށާ، އެހެނަސް އެންމެ އެކަށީގެންވާ މެޝިނަރީ ދެނެގަނެ، މެޝިނަރީ ހޯދުން އަވަސްކުރުމަށް މަނަދޫ ކައުންސިލުން އެދުނެވެ. އެކިރަށުގެ އިސްރާފް ނުވަތަ ބާކީ މެނޭޖްކުރުމުގެ މަސައްކަތް ހުރީ އެކި ދަރަޖައިގަ ކަމުން އެރަށެއްގެ ހާލަތުން ކުރިއަށް ފިޔަވަޅު އެޅުމަށް ބޭނުންވާ ތަފާތު މެޝިނަރީއަކީ ކޮބައިކަން އުސޫލެއްގެގޮތުން އެއްބަސްވެވިފައިވާނެކަމަށާ، އެއަށް ބަލައިގެން ކޮންމެހެން ބޭނުންވާ މެޝިނަރީގެ ގޮތުގައި ފިއްތާ މެޝިނާއި ކުނިވާޒާތުގެ އިސްރާފް ކުނިވިޔަނުދީ ޕްރޮސެސްކުރެވޭނެ ނުވަތަ އެފަދަ ސެންޓަރަށްގެންދެވޭ ހާލަތަށް މަސައްކަތް ހިންގޭނެ ސާމާނު މަނަދުއަށް ހޯދުމަކީ ދެންއޮތް ހަރުފަތްކަމަށް އަތޮޅު ކައުންސިލުން ދެކެއެވެ. އަދިއެކަމަށްޓަކާވެސް މަނަދޫގައި އިސްރާފުވާ ސާމާނު އެކިބަޔަށް ވަކިކުރުމުގެ މަސައްކަތުގެ މުހިއްމުކަންވެސް ފާހަގަކުރީމެވެ.

  • މަނަދޫގައި އިސްރާފުވާ ސާމާނު އެންމެ ރަނގަޅުގޮތުގައި މެނޭޖް ކުރުމަށް ކައުންސިލް މެމްބަރުން ގިނަ ވަގުތު މަސައްކަތް ކުރަން ޖެހޭކަން ކައުންސިލުން ފާހަގަކުރިއެވެ. މުސިޕަލް މަސައްކަތްތައް ހިންގުމަށް ގާނޫނުގައި ބަޔާންކުރާ ގޮތުން އޮނިގަނޑުގައި ހިމަނައިގެން މުވައްޒަފުން ނެގުމުގެ ފުރުސަތު މިހާރު ކައުންސިލްތަކަށް އޮތްކަމަށާ އޮނިގަނޑުގައި އެމަސައްކަތަށް މުވައްޒަފުން ކަނޑައެޅުމަށާ އޮނިގަނޑު އިސްލާހުކޮށް ފާސްކޮށް ދާއިމީ މުވައްޒަފުން ނެގޭގޮތަށް އެކަން ގެންދިއުމަށް ހިޔާލުދެވުނެވެ.

  • އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް "ފޭރުމާގެ" ބިން ހަވާލުކުރުން ލަސްވުމުގެ ކަންބޮޑުވުން މަނަދޫ ކައުންސިލުން އުފުލުމުން އިދާރީ ލަސްކަމެއް އުޅޭކަމަށާ އެކަން މެއިމަސްތެރޭ ނިންމަދެވޭނެކަމަށް އަތޮޅު ކައުންސިލުން ފާހަގަކުރިއެވެ. މަނަދޫ ފުލުހުންގެ ހިދުމަތް ގާއިމްކޮށްފައިހުރި "އާވެހި" އިމާރާތް މަނަދޫ ކައުންސިލަށް ބަދަލުކުރުމުގެ މަރުހަލާތެރޭގައި އޮތަސް އެތަނާގުޅޭ މުއާމަލާތުކުރުމުގެ ހައްގުވެރިފަރާތަކީ މިހާރުއޮތް އެމްއޯޔޫގެ ދަށުން މަނަދޫ ކައުންސިލްކަމަށް ދެކައުންސިލަށް އޮޅުންފިލައެވެ

  • މަނަދޫގައި ހިނަވާގެ މަރާމާތުކުރުމަށް އެހީ ހޯދައިދިނުމަށް އަތޮޅު ކައުންސިލްގައި މަނަދޫ ކައުންސިލުން އެދިފައިވާތީ އަތޮޅު ކައުންސިލުން އެދިފައިވަނީ ބައެއް ރިސޯޓްތަކާއެކު ކޮށްފައިވާ މަޝްވަރާއިން ރަނގަޅު ފެންވަރުގެ މޯޗަރީއެއް މަނަދޫގައި ގާއިމްކުރުމަށް އިންވެސްޓްމަންޓްގެ ގޮތުގައި ނުވަތަ އެހީގެ ފައިސާ ހޯދި ދާނެކަމަށާ އެކަމަށް މަނަދޫ ކައުންސިލުން ބިންކަނޑައެޅުމަށާ ފަންޑު ހޯދުމަށާ ކުރަހާ ފަންޑްހޯދުމުގެ މަސައްކަތް އަތޮޅު ކައުންސިލުން މަނަދޫ ކައުންސިލްގެ މަޝްވަރާގެ މަތިން ކުރާނެ ކަމަށް އެއްބަސްވެވުނެވެ.

  • މަނަދޫން ފަތުރުވެރިކަމަށް ލީސްކޮށްފައިވާ ބިމުގެ އެއްބަސްވުމުގެ އެކްއިޒިޝަން ފީ މަނަދޫ ކައުންސިލަށް ނުލިބި އެއްބަސްވުމުގައި ސޮއިކުރަން ޖެހޭތީ މަނަދޫ ކައުންސިލުން ކަންބޮޑުވެއެވެ. އަދި އެކަމާ އިންކާރުކުރެެއެވެ. އަތޮޅު ކައުންސިލުން ދެކެނީ ސަންސެޓް ގާނޫނު މަރުހަލާގައި ހިންގި މުއާމަލާތެއް ކަމުގައިވިޔަސް އެއާމްދަނީ ރަށު ކައުންސިލަށް ހައްގުވާނެ ކަމަށެވެ. އަދި އެއާމްދަނީ ރަށު ކައުންސިލަށް ހޯދުން އަވަސްކޮށްދޭން މަޝްވަރާކުރަމުންދާކަމަށާއި، އެކަމުގެ ޔަގީންކަން ލިބުމުން އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ގެންދިއުން ރަނގަޅުކަމަށް ދެކޭކަމަށެވެ.

  • މަނަދޫ ކައުންސިލުން އިސްނަގައިގެން ކުޅުދުއްފުއްޓަށް ކޮންމެ މަހަކަު މެޑިކަލް ދަތުރެއް ކުރަން ބޭނުންވާތީ އަތޮޅު ކައުންސިލުން އެދަތުރުކޮށްދިނުމަށް އެދިފައިވެއެވެ. އަތޮޅުގެ ރައްޔިތުން ސިއްހީ ހިދުމަތަށް ހަމަހަމަގޮތެއްގައި ވާސިލްކޮށްދިނުމަށް އުނގޫފާރަށާއި، ކުޅުދުއްފުށިފަދަ ހޮސްޕިޓަލްތަކަށް ފެރީ ދަތުރުތައް މުޅި އަތޮޅަށް ހުޅުވާލައިގެން އިންތިޒާމްކުރުމަށް ޕްލޭންގައި ހިމަނާފައިވާތީ އެފަދައިން މެނުވީ އެކަންކުރިއަށް ގެންދިއުމަށް ނުފެންނަކަމަށް އަތޮޅު ކައުންސިލުން ފާހަގަކުރިއެވެ.

  • އަތޮޅު ލައިސަންސް ޓްރެކް ތަރައްގީކުރުމަށް މިހާރު އޮތް ބިމުގެ ބަދަލުގައި އެހެން ބިން ރެޖިސްޓްރީ ކޮށްދިނުމަށް އަތޮޅު ކައުންސިލުން އެދިފައިވާ މައްސަލާގައި ރަށު ކައުންސިލުން ބޭނުންވެލައްވަނީ ބިމުގެ މިލްކުވެރިކަން ރަށު ކައުންސިލުގައި ބާއްވަންކަމުން، ދިގު މުއްދަތުގެ އެއްބަސްވުމެއް އެކުލަވާލައިގެން އަތޮޅު ކައުންސިލަށް އެ ބިން ބޭނުން ކުރެވޭގޮތްހެދުމަށާ ލައިސަންސް ޓްރެކް ތަރައްގީކުރުމަށް ދެކައުންސިލަށްވެސް އެއްބަސްވެވުނެވެ.

  • ލޭންޑްޔޫސް ޕްލޭން ފާސްނުވެ ދިގުލައިގެން ދިއުމުގެ ސަބަބުން ދަތިވެގެންދާކަން ފާހަގަކޮށް، މަނަދޫ ލޭންޑްޔޫސް ޕްލޭން ރިވިއުކުރުމުގެ މަސައްކަތް އަވަސްކުރުމަށް އެހީތެރިވުމަށް އަތޮޅު ކައުންސިލަށް ހުށަހަޅާފައިވުމާއެކު ލޭންޑް ޔޫސް ޕްލޭން ރިވިއުތައް ހައްލުކުރުމަށް އިތުރު އަމިއްލަ ފަރާތްތައް ކުއްޔަށް ނަގައިގެން އަތޮޅު ތެރޭ ހުރިހާ ރަށެއްގެ ރިވިއުތައްކުރުމުގެ މަސައްކަތް އަވަސްކުރާނެކަމަށް އަތޮޅު ކައުންސިލުން ދަންނަވާފައިވާނެއެވެ

  • ރަށް ޕްރޮފައިލްކޮށް ބްރޭންޑްކުރުމަށް ބޭނުންވާ މައުލޫމާތުތައް ރަށުން އެއްކުރުމަށް ސާވޭ ފޯމުތައް ފުރުމާ އެކަމުގައި ކައުންސިލަށް ކުރެވެންހުރި މަސައްކަތްތައް އަވަސްކުރުމަށް އެދެވުނެވެ.

  • ރަށު ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަނުގެ ކަރަންޓް ހަރަދު ކުޑަކުރުމަށް އަތޮޅު ޕްލޭނުގައިވާތީ އެމަސައްކަތްކުރުމަށް މިވަގުތު ބޭނުންވާ މުހިއްމު ބައެއް މައުލޫމާތު ހޯދާ ފޯރުކޮށްދިނުން އަވަސްކުރުމަށް އެދެވުނެވެ.

ބައްދަލުވުމުގައި ބައިވެރިވީ:

  1. ނޫނު އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު
  2. މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ޞަބީހް
  3. މަނަދޫ ކައުންސިލްގެ ނައިބް ރައީސާ ފާތިމަތް ސުވައިދާ
  4. މަނަދޫ ކައުންސިލްގެ މެމްބަރ އިބްރާހިމް އަލީ
  5. މަނަދޫ ކައުންސިލްގެ މެމްބަރ އަހްމަދު ރިމްޒާދް
  6. މަނަދޫ ކައުންސިލްގެ މެމްބަރ މުއުމިނާ ސާލިހް
  7. ނޫނު އަތޮޅު ކައުންސިލްގެ ކައުންސިލް އޮފިސަރ އަބްދުލްމުހައިމިން
  8. ނޫނު އަތޮޅު ކައުންސިލްގެ އ. ކައުންސިލް އޮފިސަރ ފާރިހާ އަދުނާން

މި ޔައުމިއްޔާ ޝާއިރުކުރާ ވަގުތުން ފެށިގެން ބައްދަލުވުމުގައި ބައިވެރިވި ކައުންސިލް ރައީސް އަދި ނައިބު ރައީސުންގެ އިޒްނައަށް ނުވަތަ ކޮމެންޓަށް އެދި ޓީމް އެޕްލިކޭޝަނުން ރަސްމީކޮން ފޮނުވާފައިވާނެއެވެ. އަދި އެފަރާތްތަކުން އިސްލާހެއް ފޮނުވާފައިވާނަމަ އެއިސްލާހެއް 48 ގަޑިއިރު ތެރޭގައި އަޕްޑޭޓްކުރެވޭނެއެވެ. ބަޔާންކުރި 48 ގަޑިއިރަށްފަހު ބައްދަލުވުމުގެ ޔައުމިއްޔާ ކައުންސިލް މެމްބަރުންގެ އިޒްނައާއެކު އެވަނީ ފާސްވެފައެވެ.