މަގޫދޫގައި ކޮމްޕޮސްޓް ޕްލާންޓް ގާއިމްކޮށް ހިންގުމާގުޅޭ ގޮތުން ދެކައުންސިލުން މަޝްވަރާކުރުން

އިވެންޓް

ޝާއިރުކުރީ

28 އޭޕްރިލް 2022

އިސްރާފު ކުޑަކޮށް އިފްތިސާދުގައި ހިފެހެއްޓުމަށް ނޫނު އަތޮޅު ކައުންސިލުން ފާސްކޮށްފައިވާ ޕްރޮގްރާމްގެ ހަރަކާތެއް ކަމުގައިވާ ފަނާވެދާ ޒާތު ތަކެތި އިއާދަކުރުމަށް ބޭނުންވާ މެޝިނަރީއާއި އިންފްރަސްޓްރަކްޗަރ މަގުދޫގައި ގާއިމްކޮށް ހިދުމަތް ދިނުމާގުޅޭ މަޝްވަރާ މަގޫދޫ ކައުންސިލާއެކު ވަނީ ކުރެވިފައެވެ. އިސްރާފުވެ ބާކީވާ ތަކެތި މެނޭޖްކުރުމަށް މިއަހަރު އިސްކަންދީގެން ހިންގުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކާއި މަގޫދޫގައި ގާއިމްކުރުމަށް ކަނޑައަޅާފައިވާ ކޮމްޕޮސްޓް ޕްލާންޓާގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ.

ޕްލާންޓް ގާއިމްކުރުމާއި ޕްލާންޓްގެ ވިޔަފާރި ހިންގުމުގައި ދެކައުންސިލުން ޒިންމާވެ ޝާމިލުވާނެ ގޮތްތަކާމެދު އެއްބަސްވެވުނެވެ. ވޭސްޓް މެނޭޖްމެންޓް ޕްލާންޓް ގާއިމްކުރުމާއި، އެތަނުގެ މަސައްކަތް ކުރިއަށްދާނެ ގޮތްތަކާއި، ނޫނު އަތޮޅު ރަށްރަށާއެކު މަގޫދޫގައި އިސްރާފުވެ އުކާލާ ތަކެއްޗާ ސާމާނުގެ މައްސަލައަށް ގެނެސްދެވޭނެ ހައްލުތަކާއިމެދު ހިޔާލު ބަދަލުކުރެވުނެވެ.

މަޝްވަރާކުރެވުނު ނުކުތާތައް

  • ނޫނު އަތޮޅު ކައުންސިލުން ހާއްސަ އިސްކަމެއްދީގެން މިހާރު މަސައްކަތް ކުރަމުންދަނީ އަތޮޅު ތަރައްގީ ޕްލޭންގެ ޕްރޮގްރާމެއް ކަމަށްވާ "އިސްރާފު މަދުކޮށް އިގްތިސޯދުގައި ހިފެހެއްޓުން" ގައި ކަން ފާހަގަކޮށް، މިއީ 21 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއްކަން ފާހަގަކުރެވުނެވެ. އަދި މި މަސަތްކަތައް ހަރަދުވާ މިންވަރާއި، މިހާރު ލިބިފައިވާ ފައިސާއާއި ގުޅިގެން މަޝްވަރާ ކުރެވުނެވެ. އެގޮތުން މި ޕްރޮގްރާމުގެ ހަރަކާތެއް ކަމުގައިވާ ފަނާވެދާ ޒާތު ތަކެތި އިއާދަކުރުމަށް ބޭނުންވާ މެޝިނަރީއާއި އިންފްރަސްޓްރަކްޗަރ (ކޮމްޕޮސްޓް ޕްލާންޓް) ގާއިމްކޮށް ހިދުމަތްދޭން ފެށުމުގެ މަސައްކަތް މަގޫދޫގައި ކުރުމަށް ނިންމާފައިވާކަން ހިއްސާކުރެވުނެވެ. އެކަމަށް މަގޫދޫ ކައުންސިލާ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެމްބަރުން މަރުހަބާ ކިއެވެ.

  • އަތޮޅު ކޮމްޕޯސްޓް ޕްލާންޓަކީ ބަދިގެ ކުނި، ނުވަތަ ކުނިވެފަނާވެދާ ބާކީ އިސްރާފު ބޭނުންކޮށްގެން ކާދު އުފައްދައިގެން އިސްފާރު މެނޭޖްކުރުމަށާ، އެ ކާދު ވިއްކުމަށް އުފައްދާ ވިޔަފާރިއެއްކަމަށާއި، މީހުން ދިރިއުޅޭ ރަށްތަކުގައި އުފެދޭ ބަދިގެ ބާކީ މި ޕްލާންޓުގައި އިއާދަކުރަން ކައުންސިލުން ނިންމާފައިވާ ސަބަބުތައް ބަޔާންކުރެވުނެވެ. ގަސްކާނާ އާއި ކާދުފަދަ މާއްދާއެއް ވަކި ފެންވަރެއްގައި އުފައްދާ މާރކެޓްކުރުމަށް ހުރިހާ ރަށެއްގައި އެދަރަޖައަށް މިޒާތުގެ އިސްރާފު މެނޭޖްކުރުމަށް މެޝިނަރީ ގާއިމްކޮށް މަސައްކަތް ހިންގަން އުޅުމަކީ ދެކޮޅުޖެއްސޭ ވަރަށްވުރެ ހަރަދު ބޮޑު އަދި އޭގެން އިއާދަކުރާ ޕްރޮޑަކްޓްގެ ފެންވަރާ އަދަދާ އަގު ހިފަހައްޓާ މާރކެޓްކޮށް ވިއްކުމަށް އުނދަގޫވާނެ ކަން އެންމެނަށް ސާފުވެއެވެ. އެހެނަސް ކޮންމެ ރަށެއްގައިވެސް ބަދިގެ ބާކީ ނުވަތަ ކުނިވެފަނާވެދާ ޒާތުގެ ކުނި މުގުރާ ހިމުންކޮށް އޭގެން ފެންގަނޑު ދަމައިިގަނެވޭ މިންވަރަށް ރަށަށް މެޝިނަރީ ހޯދާ މަސަކަތް ހިންގަންޖެހޭނެކަމާއި އަދި ކޮންމެ ދުވަހަކު ފެރީއަކުން ޕްލާންޓާ ހަމައަށް އެތަކެތި ނުގެންދެވުނަސް ކުނިނުވާ ގޮތަށް އަދި އެކަމަށް ހާއްސަ ޑަސްބިންތަކެއްގައި ބަހައްޓާގެން އުފުލާހެދޭ ގޮތަށްއޮތުން މުހިއްމު ކަމެއް ގޮތުގައި ދެކައުންސިލުންވެސް ދެކެއެވެ.

  • ކޮމްޕޯސްޓް ޕްލާންޓްގައި މަސައްކަތް ކުރުމަށް މުވައްޒަފުން ގޮތުގައި ދިވެހިން ނެގުމަށާ ތަމްރީންކުރުމަށް ހިމެނިފައިވާކަމުން، އެ މަސައްކަތް ކުރުމަށް ރަށުން ކުޅަދާނަ މީހުން ނެގުމަށާ ތަމްރީންކޮށްދިނުމަށް މަގޫދޫ ކައުންސިލުން އެދެއެވެ.

  • ރަށްރަށާ ރިސޯޓްތަކުން އިސްރާފުވާ ތަކެތި މަގޫދޫއަށް ގެންނަން ނުވަތަ ރާއްޖޭގައި މިކަން އަތޮޅު ފެންވަރުގައި ހައްލުކުރުމަށް ކުންޏާބެހޭ ގަވާއިދު އިސްލާހުކުރަންޖެހޭ ކަމާއި، މަޖްލިހަށް ހުށަހެޅިފައިވާ ކުންޏާބެހޭ ގާނޫނުން އެޖާގަ ލިބޭ ގޮތަށް މަޖްލިސް މެމްބަރުން މަސައްކަތްކުރައްވާނެ ކަމަށް އުއްމީދުކުރާނެ ކަމަށް އަތޮޅު ކައުންސިލަށް ބެލެވެއެވެ. އަދި މިބީދައިން މިމަސައްކަތް ހިންގުމުން މުޅި ނިޒާމް ހިންގުމަށް ރިސޯޓްތަކުން ލިބޭ ފީގެ ސަބަބުން، ފަސޭހަވެ ބާކީވާ ސާމާނު އުލުމަށާ މުދާ ފެރީއެއްގެ ހިދުމަތުގެ ހަރަދު ދެކޮޅު ޖެއްސުމަށް ފަހިވެގެންދާނެކަމަށް އަތޮޅު ކައުންސިލުން ދެކޭކަން ފާހަގަކުރެވުނެވެ.

  • މަގޫދޫގައި މިހާރު އިސްރާފު ބަލަހައްޓާ ސަރަހައްދު ބިން މިކަމަށް އެކުގައި ކަނޑައެޅިދާނެކަމާއި، އެމަސައްކަތް ކުރިއަށް ގެންދާނެކަމަށް އެކައުންސިލުން އެއްބަސްވިއެވެ. އަދި ވިޔަފާރީގައި މަގޫދޫ ކައުންސިލުން ބިން ފޯރުކޮށްދޭ ނިސްބަތުން ޝާމިލްވާން އެދޭކަމާއި، މި ޕްލާންޓް ބެހެއްޓުމަށްފަހު މަގޫދޫގެ އިސްރާފު މެނޭޖްކުރުމާއި މިވިޔަފާރީން ހަވާލުވެދިނުމަށް އެދުނެވެ. އެއްވެސް ރަށެއްގެ ވަސީލަތެއް ބޭނުންކުރަންޏާ އެރަށަކަށް އެއިގެން ހިއްސާ އޮންނަ މިންވަރު އެވަސީލަތެއްގެ އަގުގެ ނިސްބަތުން ލިބެންވާނެކަމަށް އަތޮޅު ކައުންސިލުގެ ހަމައެއްކަމުގައި ފާހަގަކޮށްދެވުނެވެ.

ބައްދަލުވުމުގައި ބައިވެރިވީ:

  1. ނޫނު އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު
  2. މަގޫދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ނަސީރު
  3. މަގޫދޫ ކައުންސިލްގެ ނައިބް ރައީސް މުދުރިކަތް އަހްމަދު
  4. މަގޫދޫ ކައުންސިލްގެ މެމްބަރ އަގީލް ހުސައިން
  5. މަގޫދޫ އ.ތ.މ ކޮމިޓީގެ މެމްބަރ ރަމްލާ އިބްރާހިމް
  6. މަގޫދޫ އ.ތ.މ ކޮމިޓީގެ މެމްބަރ އައިޝަތް ޝަހީދާ
  7. މަގޫދޫ އ.ތ.މ ކޮމިޓީގެ މެމްބަރ ދިޔާނާ މުހައްމަދު
  8. މަގޫދޫ އ.ތ.މ ކޮމިޓީގެ މެމްބަރ ޖީޒާ ދާއޫދު
  9. މަގޫދޫ ކައުންސިލްގެ ފިނޭންސް އޮފިސަރ ރިފްއަތް ރައޫފް
  10. މަގޫދޫ ކައުންސިލްގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ އަލީ ނަޝީދު
  11. ނޫނު އަތޮޅު ކައުންސިލްގެ އ.ކައުންސިލް އޮފިސަރ ފާރިހާ އަދުނާން

ނޯޓް: މި ޔައުމިއްޔާ ޝާއިރުކުރާ ވަގުތުން ފެށިގެން ބައްދަލުވުމުގައި ބައިވެރިވި ކައުންސިލް ރައީސް އަދި ނައިބުގެ އިޒްނައަށް ނުވަތަ ކޮމެންޓަށް އެދި ޓީމް އެޕްލިކޭޝަނުން ރަސްމީކޮން ފޮނުވާފައިވާނެއެވެ. އަދި އެފަރާތްތަކުން އިސްލާހެއް ފޮނުވާފައިވާނަމަ އެއިސްލާހެއް 48 ގަޑިއިރު ތެރޭގައި އަޕްޑޭޓްކުރެވޭނެއެވެ. ބަޔާންކުރި 48 ގަޑިއިރަށްފަހު ބައްދަލުވުމުގެ ޔައުމިއްޔާ ދެކައުންސިލުގެ އިޒްނައާއެކު އެވަނީ ފާސްވެފައެވެ.