ނޫނު އަތޮޅު ތަރައްގީ ޕްލޭނާއި މިލަދޫ ތަރައްގީ ޕްލޭންގެ މަޝްވަރާ ބައްދަލުވުން

އިވެންޓް

ޝާއިރުކުރީ

28 އޭޕްރިލް 2022

ނޫނު އަތޮޅުގެ ތަރައްގީ ޕްލޭނާއި މިލަދޫގައި އިސްރާފު މެނޭޖްކުރުމުގެ ޕްލޭނާ ގުޅޭގޮތުން ދެކައުންސިލުން މިއަދު ބައްދަލުކޮށް މަޝްވަރާކޮށްފައިވާނެއެވެ. މިބައްދަލުވުމަކީ އަތޮޅު ކައުންސިލުން އިސްނަގައިގެން ދެކައުންސިލުން ބޭއްވި ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި އަތޮޅު ކައުންސިލުން އަތޮޅު ތަރައްގީ ޕްލޭން ތައާރަފްކުރެވުނެވެ. އަދި މިހާރު ފަށާފައިވާ މަސައްކަތްތަކާއި އެމަސައްކަތްތަކަށް ލިބިފައިވާ ފައިސާގެ އެހީތަކުގެ ތަފްސީލާއި، އެ ފައިސާ ހަރަދުކުރަން ނިންމާފައިވާގޮތް ހިއްސާކުރެވުނެވެ. ހާއްސަކޮން އިސްރާފު ކުޑަކޮށް އިގްތިސާދުގައި ހިފެހެއްޓުމުގެގޮތުން މިލަދޫގައި އިސްރާފުވެ އުކާލާ ތަކެއްޗާ ސާމާނުގެ މައްސަލައަށް މިޕްރޮގްރާމުން ގެނެސްދެވޭނެ ހައްލުތަކާއި މިލަދޫ ކައުންސިލުން އިސްވެ ހިންގާނެ ހަރަކާތްތަކާމެދު މަޝްވަރާކުރެވުނެވެ.

މަޝްވަރާކުރެވުނު ނުކުތާތައް

  • އިސްރާފުވާ ސާމާނު މެނޭޖްކުރުމަށް ބޭނުންވާ މެޝިނަރީގެ ތެރެއިން ރަށުފެންވަރުގައި މަސައްކަތްކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ފަންޑް ދޭނެފަރާތްތައް ހޯދިފައިވާ ކަމާއި އަތޮޅު ފެންވަރުގައި ބައެއް ޕްލާންޓް ނުވަތަ ވޯރކްޝޮޕްތައް ބައެއް ރަށްރަށުގައި ގާއިމްކޮށްގެން ވިޔަފާރި ދެކޮޅުޖައްސާ ދެމެހެއްޓުމަށް ޕްލޭންގައި ކަނޑައަޅާފައިވާތީ އެތަންތަން ކަނޑައެޅުމުގައި ބަލަންވީ ކަންކަން މަޝްވަރާކުރެވުނެވެ. ދެކައުންސިލަށްވެސް އެއްބަސްވެވެނީ ހުރިހާ ބާވަތެއްގެ އިސްރާފު ހުރިހާ ރަށެއްގަ ބެލެހެއްޓުމުގެ ބަދަލުގަ ފެރީ ނިޒާމަކާ ގުޅުވާލައިގެން އެކިރަށުގަ ބައެއް ބާވަތުގެ އިސްރާފުވާ ސާމާނު ޕްރޮސެސް ކުރަން ނުވަތަ ރިސައިކަލްކުރުމުން އިސްރާފުވާ ސާމާނުގެ މައްސަލަ ހައްލުވާނެ ކަމަށެވެ. އަދި އިސްރާފްވާ ސާމާނު ބޭނުންކޮށްގެން ވިޔަފާރިއެއް ފެށުމުގައި އެންމެ މުހިންމުކަމަކީ އިސްރާފުވާ ސާމާނު ވަކިވަކިކުރުންކަން ފާހަގަކޮށް، މިލަދޫ ކައުންސިލުން އިސްރާފުވާ ސާމާނު ވަކިކުރުމަށް ބާރުއެޅުމުގެ ގޮތުން ގަވާއިދުތަކެއް އެކުލަވާލުމަށް އެދެވުނެވެ.

  • އިސްރާފުވެ ބާކީވާ ސާމާނުގެ މައްސަލައަށްވެސް އޮތް ހައްލަކީ އަތޮޅު ދަތުރުފަތުރުގެ ނިޒާމް ވަރުގަދަކުރުން ކަމަށް ފާހަގަކޮށް، މިހާރު ދަތުރުފަތުރުގެ އޮޕަރޭޓަރާ މަޝްވަރާކޮށް މުދާ އުފުލުމުގައި ހައްލުނުގެނެވި ލަސްވަނީނަމަ، މައްސަލަ ފޫބެއްދުމަށް މުދާ ފެރީގެ ހިދުމަތް އަތޮޅު ކައުންސިލުން ފެށުމަށް ޕްލޭނު ހެދިފައިވާ ކަމަށާއި ކުރިއަށް އޮތީ ބަޖެޓް ފާސްކުރުން ކަމަށާއި، އިސްރާފު މެނޭޖްކުރުމުގެ ޕްލޭން ހިނގަންފަށާނީ ދަތުރުފަތުރާއެކު ކަމަށް އަތޮޅު ކައުންސިލުން ފާހަގަކުރިއެވެ.

  • އިސްރާފުވާ ސާމާނު މަދުކޮށް އިގްތިސާދުގެ ތެރެއަށް އަނބުރާ ވެއްދުމަށް އަތޮޅު ކައުންސިލުން ކުރަމުންދާ މަސައްކަތަށް ބޭރުގެ އެހީތައް ލިބިފައިވާ ކަމަށާއި، އެގޮތުން ފްރާންސް ސަރުކާރާއި ވޯލްޑް ބޭންކުން މިހާރު އެހީ ލިބިފައިވާކަން އަތޮޅު ކައުންސިލުން ފާހަގަކޮށްފައިވާނެއެވެ. އަދި ފްރާންސް ސަރުކާރުން ދިން އެހީގެ ބޮޑުބައެއް ހަރަދުކުރަން ހަމަޖެހިފައިވަނީ އަތޮޅު ފެންވަރުގައި ބަދިގޭގައި އިސްރާފުވާ ބާކީ ގަސްކާނާއަށް ބަދަލު ކުރެވޭނެ ޕްލާންޓެއް މަގޫދޫގައި ގާއިމްކުރުމަށް ކަން ފާހަގަކުރެވުނެވެ. އަދި ޕްލާންޓް ގާއިމްކޮށްގެން މިލަދޫ ބަދިގެ ބާކީ މައްސަލަ ވެސް ދަތުރުފަތުރާ ގުޅުވައިގެން ހައްލު ކުރެވިދާނެ ގޮތްތަކާ އެކަންކުރުމުގައި ދިމާވާނެ ގޮންޖެހުންތައް ހައްލުކުރަން ރަށު ފެންވަރުގައި ކޮންމެހެން ބޭނުންވާނެ މެޝިނަރީ ހޯދަދޭނެކަމަށް އަތޮޅު ކައުންސިލުން އެއްބަސްވެފައިވާނެއެވެ. އެގޮތުން، މިލަދުއަށް ބަދިގެ ބާކީ ކުނިނުވާގޮތް ހެދުމަށް ބޭނުންކުރެވޭނެ މެޝިނެއް ހޯދުމަށް އެއްބަސްވެވުނެވެ.

  • މިލަދޫ ލޭންޑްޔޫސް ޕްލޭން ރިވިއުކުރުމާ ފާސްކުރުމުގައި ލަސްވެ ދިމާވަމުންދާ މައްސަލަތަކާގުޅިގެން، ޕްލޭން ރިވިއުކުރުމުގެ މަސައްކަތް އަވަސްކުރުމަށް އެހީތެރިވުމަށް އަތޮޅު ކައުންސިލުން ތަމްރީން ޕްރޮގްރާމެއް ހިންގުމަށާ ފަންނީ ތަޖްރިބާކާރުން ފޮނުވާދޭނެކަމަށް ދެންނެވުނެވެ. އަދި އެކަމަށްޓަކާ ތަޖްރިބާކާރުން ކުއްޔަށް ނަގައިގެން އަތޮޅު ތެރޭ ހުރިހާ ރަށެއްގެ ރިވިއުތައް ހައްލުކުރުމަށް އަތޮޅު ކައުންސިލުން މެއި މަހުތެރޭގައި މަސައްކަތް ގެންދާނެކަން ފާހަގަކޮށްފައިވާނެއެވެ.

  • ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރުވައި، ފަތުރުވެރިކަމަށް މަގުފަހިކުރުމަށް ރަށް ޕްރޮފައިލްކޮށް ބްރޭންޑްކުރުމަށް ބޭނުންވާ ރަށުގެ މައުލޫމާތުތައް ރަށުން އެއްކުރުމަށް ސާވޭ ފޯމުތައް ފުރުމާ އެކަމުގައި ކައުންސިލަށް ކުރެވެންހުރި މަސައްކަތްތައް އަވަސްކުރުމަށް އެދެވުނެވެ.

  • ރަށު ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަނުގެ ކަރަންޓް ހަރަދު ކުޑަކުރުމަށް އަތޮޅު ޕްލޭނުގައިވާތީ އެމަސައްކަތްކުރުމަށް މިވަގުތު ބޭނުންވާ މުހިއްމު ބައެއް މައުލޫމާތު ހޯދާ ފޯރުކޮށްދިނުން އަވަސްކުރުމަށް އެދެވުނެވެ.

ބައްދަލުވުމުގައި ބައިވެރިވީ:

  1. ނޫނު އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު
  2. މިލަދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަބްދުއްސައްތާރް
  3. މިލަދޫ ކައުންސިލް މެމްބަރ އައިޝަތް ނީމް
  4. މިލަދޫ ކައުންސިލް މެމްބަރ ފާތިމަތް މުހައްމަދު
  5. މިލަދޫ ކައުންސިލް މެމްބަރ މުހައްމަދު މައުރޫފް
  6. ނޫނު އަތޮޅު ކައުންސިލްގެ އ.ކައުންސިލް އޮފިސަރ ފާރިހާ އަދުނާން

މި ޔައުމިއްޔާ ޝާއިރުކުރާ ވަގުތުން ފެށިގެން ބައްދަލުވުމުގައި ބައިވެރިވި ކައުންސިލް ރައީސް އަދި ނައިބު ރައީސުންގެ އިޒްނައަށް ނުވަތަ ކޮމެންޓަށް އެދި ޓީމް އެޕްލިކޭޝަނުން ރަސްމީކޮން ފޮނުވާފައިވާނެއެވެ. އަދި އެފަރާތްތަކުން އިސްލާހެއް ފޮނުވާފައިވާނަމަ އެއިސްލާހެއް 48 ގަޑިއިރު ތެރޭގައި އަޕްޑޭޓްކުރެވޭނެއެވެ. ބަޔާންކުރި 48 ގަޑިއިރަށްފަހު ބައްދަލުވުމުގެ ޔައުމިއްޔާ ކައުންސިލް މެމްބަރުންގެ އިޒްނައާއެކު އެވަނީ ފާސްވެފައެވެ.