ކައުންސިލްތަކާ އަންހެނުން ކޮމިޓީތަކާ ހިއްސާވެ ކޮމިއުނިޓީ ފާމިންގ މަސައްކަތްކުރުމަށް އެގްރޯނެޓާއެކު ކުރިއަށްދިޔަ މަޝްވަރާތައް

އިވެންޓް

ޝާއިރުކުރީ

11 މެއި 2022

އެގްރޯ ނެޝަނަލް ކޯޕަރޭޝަނުން ކޮމިއުނިޓީ ދަނޑުވެރިކަމުގެ ޕްރޮގްރާމް ފެށުމަށް ރަށު ކައުންސިލްތަކާ ކުރެވުނު މަޝްވަރާ

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) އަކީ، ސަރުކާރުގެ ސަތޭކަ އިންސައްތަ ޙިއްޞާވާ ކުންފުންޏެކެވެ. ކުންފުނީގެ މައިގަނޑު މަޤްޞަދަކީ، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ދަށުން، ޞިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްޤީ ކުރުމެވެ. އެގޮތުން ނޫނު އަތޮޅު ރަށްތަކުގައި އެގްރޯ ނެޓުން ކައުންސިލާ ރައްޔިތުން ހިއްސާވެވޭގޮތަށް ދަނޑުވެރިކަމަށް އިންވެސްޓްކުރުމަށް ބޭނުންވާތީ ރަށު ކައުންސިލްތަކާ މަޝްވަރާ ކުރެވި ހަރަކާތްތައް ފެށުމަށް ވަނީ ނިންމިފައެވެ.

11 އަދި 12 މެއިގައި ހިންގުނު މަސްވަރާތަކުގައި ނޫނު އަތޮޅުގެ 7 ރަށަކަށް ޒިޔާރަތްކުރެވުނެވެ. މި މަޝްވަރާއަކީ ކުރިން އެގްރޯނެޓުން ވަކިވަކި ދަނޑުވެރިންނާއެކު ކޮންޓްރެކްޓް ފާމްކުރަން ކުރެވުން މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް ކޮންމެ ރަށެއްގައިވެސް ވަކި ފުޅާމިނެއްގައި ހިނގާ ކޮންމެސް އެއް ދަނޑެއް ބޭއްވުމުގެ މުހިއްމުކަން ފާހަގަކުރެވިގެން ކަނޑައަޅާފައިވާ ސިޔާސަތެކެވެ. މިފަދަ ދަނޑުވެރިކަމެއް ކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް މަދުވެގެން އެއްލައްކަ އަކަފޫޓް ބިމެއްގައި ކުރިއަށް ގެންދަންޖެހޭ ކަމަށާއި އެކަމުގައި ކައުންސިލާ ހިއްސާވެގެން ވިޔަފާރި ގާއިމްކުރަން ޝައުގުވެރިވާކަމަށް އެގްރޯނެޓުން ފާހަގަކުރެއެވެ. އަދި އެދަނޑުތައް ހެއްދުމަށް ރަށު ކައުންސިލުން ކަނޑައަޅާ އުސޫލަކުން ރައްޔިތުންނާއެކު އެއްބަސްވުންތައް ގާއިމްކުރުމަށް އެގްރޯނެޓުން އެދިލައްވައެވެ. އަދި ދަނޑުތައް ބެލެހެއްޓުމަށް އެކުންފުނީގެ މުވައްޒަފެއްވެސް ހުންނާނެކަމަށް އެކުންފުނިން ދެކިލައްވައެވެ.

ރަށު ކައުންސިލްތަކުން އެވަރުގެ ބިމެއް އެއްސަރަހައްދުން ކަނޑައެޅުމަށް ބިމުގެ ދަތިކަން ފާހަގަކުރިއެވެ. އެހެންވިޔަސް ލަންދޫ މާފަރު، މަނަދޫ، މަގޫދޫ، ކެނދިކުޅުދޫ، ޅޮހި އަދި މާޅެންދޫން ވެސް ބިންހަމަޖައްސާނެކަމަށާއި އަވަހަށް އެއްބަސްވުމަށް ދިއުމަށް ޝައުގުވެރިކަން ފާހަގަކުރިއެވެ. އަދި މެއި ޖޫން މަހުގެ ތެރޭގައި ކައުންސިލްތަކުން ކުރަންޖެހޭ މަސައްކަތްކޮށް ނިންމާނެކަމަށް އެއްބަސްވެވުނެވެ. އެގްރޯނެޓުން އެއްބަސްވުމުގައި ސޮއިކުރެވޭތާ ދެމަސް ދުވަސްތެރޭގައި ދަނޑުތައް އެޅުމުގެ މަސައްކަތް ފަށާނެކަމަށްވެސް އެއްބަސްވެލެއްވިއެވެ.

ސްކޫލް ނާސްތާ ޕްރޮގްރާމަށް ފަތްކޭލާއި ކުކުޅު ބިސް ފޯރުކޮށްދިނުމުގެ މަސައްކަތް ހަވާލުވެފައިވަނީ އެގްރޯނެޓުންނެވެ. އެކުންފުނީގެ 15 ރަށު ކޯޑިނޭޓަރުންނާއި 17 އަތޮޅު ކޯޑިނޭޓަރުން މި ޕްރޮޖެކްޓުގައި އެހީތެރިކަން ފޯރުކޮށްދެ އެވެ. އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މަސައްކަތްތައް ފަށާފައިވަނީ 2020 ވަނަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ. ދަނޑުވެރިކަން ކުރިއެރުވުމަށް މި ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތައް ދަނޑުވެރިންގެ ފަރާތުން އެއްބާރުލުން ލިބެމުންދާކަމަށާއި ރަށްރަށުގައި ކޮންޓްރެކްޓް ފާމިން ދަނޑުތަކުގެ އަދަދު މަދުވީމާ، އެކަށީގެންވާ މިންވަރެއްގައި އަދި ފެންވަރެއްގައި މިމަސައްކަތްކުރުމަށް ކުރިން ބަޔާންކުރެވުނު މޮޑެލްއަށް ކައުންސިލްތަކާއެކުވެސް އެއްބަސްވުންތަކެއް ހުންނަންޖެހޭކަން ކުންފުންޏަށް ވަނީ ފާހަގަކުރެވިފައެވެ.