މިލަދޫ ޔޫތް މޫވްމަންޓުގެ އީއެލްއޭ ފުޓްސަލް ޗެލެންޖު މިލަދޫގައި ފޯރިއާއެކު ކުރިއަށް

ހަބަރު

ޝާއިރުކުރީ

29 މެއި 2022

ޒުވާނުން ބާރުވެރިކުރުމަށާއި، ތަރައްޤީއަށްކުރެވޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ، ރަށުގެ ކުރިމަގައްޓަކައި ތަފާތު ގިނަ ހަރަކާތްތަކެއް ހިންގަމުންދާ މިލަދޫ ޔޫތް މޫވްމަންޓް (އެމްވައިއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެމްވައިއެމް-އީއެލްއޭ ފުޓްސަލް ޗެލެންޖު 2022 ގެ މެޗުތައް ފަށައިފިއެވެ. ހުކުރު ދުވަހުގެ ރޭ މިލަދޫގައި ފެށި މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވުމަށް ނޫނު އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވަނީ އެރަށަށް ޒިޔާރާތް ކުރައްވާފައެވެ.

ނޫނު އަތޮޅު ކައުންސިލް ރައީސް ވިދާޅުވީ، "އަތޮޅު ތެރޭގައި ޖަމިއްޔާތަކުން ގިނަގުނަ މަސައްކަތާއި، ހަރަކާތް ހިންގަމުންގެންދާ ކަމަށާއި، އަތޮޅުތެރޭގައި ކުޅަދާނަ ޖަމިއްޔާތައް އެބަހުރިކަމަށާ އެޖަމިއްޔާތަކާއެކު ކުރެވެންހުރި އަތޮޅު ތަރައްގީ ޕްލޭނުގެ މަސައްކަތްތައްވެސް ހުންނާނެ. އަދި މިހާރު އެހަރަކާތްތަކުގައި އެހީތެރިވެ ބައިވެރިވެވެންވެސް ހުންނާނެ، އެފަދަ ޖަމިއްޔާތަކަށް އަތޮޅު ކައުންސިލުން ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ގަވާއިދެއް ކުރިއަށްއޮތް ކައުންސިލް ބައްދަލުވުމުގައި ފާސްކުރުމަށްވެސް އެބަ ހުށަހަޅަން،"

މެއި 27 ވަނަ ދުވަހު 9 ޓީމާއެކު ފެށި މި މުބާރާތުގެ ފައިނަލް މެޗް ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. ޖުމުލަ 9 ޓީމު ވާދަކުރާއިރު، އޭގެތެރޭގައި މިލަދޫގެ 6 ޓީމަކާއި، މަގޫދޫ، މަނަދޫ އަދި ޅޮހީ ޓީމު ބައިވެރިވެފައިވެއެވެ. އެމްވައިއެމް-އީއެލްއޭ ފުޓްސަލް ޗެލެންޖު 2022 ގެ މެޗުތައް އެމްވައިއެމްގެ ފޭސްބުކް ޕޭޖުން ލައިވްކޮށް ބަލާލެވޭނެއެވެ.

އެމްވައިއެމް އަކީ ރަށުފެންވަރުގައި ގިނަ ހަަރަކާތްތަކެއް ހިންގަމުންދާ ޖަމުއިއްޔާއެކެވެ. އެގޮތުން ހާއްސަ ދުވަސްތައް ފާހަގަކުރުމާއި، ރަށުފެންވަރުގައި އެމްވައިއެމްއިން އިންތިޒާމް ކޮށްގެން ރާޒުވާ އާއި، ނެޓްބޯޅަ، ބަށި ފަދަ ކުޅިވަރު މުބާރާތްތަކާއި ކޭކު ކޯސް ފަދަ ކުރު މުއްދަތުތަކުގެ ކޯސްތައް ވެސް ހިންގާފައިވެއެވެ.