ތޮޅެންދޫ މައްސަލަ ފިޝަރީޒް މިނިސްޓްރީން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާތީ ދަންނަވަން
ހަބަރު
ޝާއިރުކުރީ
31 މެއި 2022
ތޮޅެންދޫ ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށްޓަކާ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރުން ކުރަމުންދާ މަސައްކަތަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއާއި ޚިލާފަށް ކުރަމުންދާ މަސައްކަތެއްކަމުން، އަދި ކުއްޔަށް ދޫކުރުމަށް މަސައްކަތް ކުރަނީ، ނޫނު އަތޮޅު ކައުންސިލްގެ ތަރައްގީ ޕްލޭނާއި ކަނޑައެޅިގެން ޚިލާފަށް ކަމުން، ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން، ނޫނު ތޮޅެންދޫ ދިގުމުއްދަތަކަށް ވަކި ފަރާތަކަށް ކުއްޔަށް ދޫކުރުމަށް ކުރަމުންދާ މަސައްކަތް މަޑުޖައްސާލުމަށާއި، އެއްވެސް ފަރާތަކަށް ރަށް ހަވާލު ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށާއި، އެހެން ފަރާތެއްގެ މަސްލަހަތު ނޫނު ތޮޅެންދޫގެ މައްޗަށް އުފަންވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އެފަދަ އެއްބަސްވުމެއް އެކުލަވާލުމުގެ ކަންކަން ނުކުރުމަށް ދައުވާލިބޭ ފަރާތަށާއި ދައުލަތުގެ އެންމެހާ އިދާރާތުގެ މައްޗަށް އަންގާ އަދި ވަގުތީ އަމުރެއްވެސް ނެރެދިނުމަށް އެދި މިކައުންސިލުން ހުށަހަޅާފައިވާ މައްސަލައާއި އެއްކޮޅަށް 15 މާރޗްގައި، ސިވިލް ކޯޓުން ފިޝަރީސް މިނިސްޓްރީ ހިމެނޭ ގޮތަށް ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އެކަން އަންގާ އަމުރުކޮށްފައިވެއެވެ.
އެހެންނަމަވެސް އަނެއްކާވެސް އެކޯޓުގެ ނިންމުން އިސްތިއުނާފް ކުރުމަށް ފިޝަރީޒް މިނިސްްޓްރީއިން ވަނީ ހައިކޯޓަށް ހުށަހަޅާފައެވެ. މިގޮތަށް އަތޮޅުގެ ފަޅުތަކާއި ފަޅުރަށްތައް ސަރުކާރުތަކުން އެކި ފަރާތްތަކަށް ދިގު މުއްދަތަކަށް ދޫކޮށްފައިވަނީ ނޫނު އަތޮޅުގެ ރައްޔިތުންނަށް އެތަންތަނުން ލިބެމުންދިޔަ ސީދާ ނަފާ ހުއްޓި އެންމެ ނިކަމެތި ފަގީރު އާއިލާތަކަށް ހާއްސަކޮން އަންހެނުން އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތްތައް އެއްކޮން ހުއްޓުވާލާފައެވެ. އަދި މިކަން ހިނގަމުންދަނީ ރައްޔިތުންގެ ތަރިކައާއި، އާދަކާދައާއި، އިޖުތިމާއީ އަދި އިގްތިސާދީ ހަރަކާތްތަކަށް ހުރަސްއެޅި ރައްޔިތުންގެ ހައްގު ގެއްލޭ ގޮތަށްކަމުން އިންތިގާލީ އިންސާފު އޮފީހަށްވެސް މިފަދަ މައްސަލައެއް ހުށަހަޅާ ކައުންސިލުން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
ރަށާ އަތޮޅުގެ ގުދުރަތީ ވަސީލަތްކަށް އިންވެސްޓްކުރުމަށް ރާވާ ހިނދު ރައްޔިތުންގެ ރުހުންނެތި ދެފުއްފެއްނަ ގޮތެއްނެތި އެކަންކަން ކުރިއަށް ގެންދިއުމަކީ ތަރައްގީއާ، ވިޔަފާރިއާ އިގްދިސާދަށް، ހާއްސަކޮން އިންވެސްޓަރުންގެ އިތުބާރަށް ނުހަނު ނާޒުކު ނުރައްކާ މައްސަލައެކެވެ. މިވަގުތު ދުނިޔެ ތަޖުރިބާކުރަމުން މިދާ މޫސުމީ މުސީބާތްތަކަށް އިޖާބީ ގޮތެއްގައި ދިވެހިރާއްޖެފަދަ ނާޒުކު، އެފަދަ ކާރިސާތަކުގެ ގެއްލުމާ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވާނެ ގައުމަކުން، ކާނާގެ ކަށަވަރުކަން ހޯދުމަށް މިފަދަ ބިންބިމުގައި އެންމެ ސަލާމަތްތެރި ގޮތަކީ ކައިރި ރައްރަށު ރައްޔިތުންނަށް ދަނޑުވެރިކަން ކުރެވޭނެ ސިޔާސަތެއް އޮތުމެވެ. އެހެންކަމުން އެންމެ މީހަކަށް ނުވަތަ މަދު ބަޔަކަށް ފައިދާވާނޭ ގޮތަށް ދެންތިބި އެންމެންގެ އާއްމު ހައްގުތަކުން މަހުރޫމުކުރެވިދާނެ ގޮތަކަށް ފަޅުރަށްތަކާއި، ފަޅު ފަޅާއި ފަރެއް ނުވަތަ ފަރުތައް ބޭނުންކުރުމާއި ދެކޮޅަށް ކުރާ މަސައްކަތް މިކައުންސިލުން ކުރިއަށް ގެންދާނެކަމުގައި ދަންނަވަމެވެ.