އިސްރާފުކުޑަކޮށް އިގްދިސާދުގައި ހިފެހެއްޓުމުގެ ޕްލޭން ގުޅިގެން ތަންފީޒުކުރުމަށް ވެލާ ރިސޯޓާއެކު އެއްބަސްވުން
ނިންމުން
ޝާއިރުކުރީ
08 ޖޫން 2022
ނޫނު އަތޮޅުގައި އިސްރާފު ކުޑަކޮށް އިގްތިސާދުގައި ހިފެހެއްޓުމުގެ ޕްރޮގްރާމް ތަންފީޒުކުރުމަށް ވާގިދީ އެހީތެރިވުމަށް މިއަތޮޅުގައި ހިންގަމުން އަންނަ ވެލާ ރިސޯޓްގެ "ފެހިކުރަމާ" ޕްރޮގްރާމާއެކު ނޫނު އަތޮޅު ކައުންސިލުން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފީމެވެ. މިއަދު ނޫނު އަތޮޅު ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި، ނޫނު އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ނޫނު އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އެވެ. އަދި ވެލާ ރިސޯޓުގެ ފަރާތުން ސޮއި ކުރެއްވީ ވެލާ ރިސޯޓުގެ ޖެނެރަލް މެނޭޖަރ ވެއިން މިލްގޭޓް އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެލާ ރިސޯޓުގެ ޖެނެރަލް މެނޭޖަރ ވެއިން މިލްގޭޓް ވިދާޅުވީ، "އިސްރާފު މަދުކުރުމާ އަލުން ބޭނުންކުރުން ނުވަތަ ރިސައިކަލްކުރުން އެންމެ ފުރިހަމަ ގޮތުގައި ކުރެވެން އަންނަނީ ކިޔަވާ ކުދިންނާ ހަމައިން އެކަމާމެދު ވިސްނާ ހޭލުންތެރި ކޮށްގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުރިއަށްއޮތް އަހަރު ކައުންސިލާއެކު އެއްބަސްވެވުނު ޕްލޭނާއެއްގޮތަށް މަސައްކަތްތައް ރާވާ ހިންގާނެކަމަށެވެ.
އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު ކައުންސިލުން އިސްރާފު ކުޑަކޮށް އިގްތިސާދުގައި ހިފެހެއްޓުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތައް ހަރަކާތްކުރުމަށް "ފެހިކުރަމާ" ޕްރޮގްރާމުން މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ހާއްސަކޮން މިހިނގާ އަހަރު، ހުރިހާ ރަށަކަށް ވަށި ފޯރުކޮށްދިނުމާ، އިސްރާފު މެނޭޖްކުރުމަށް އައު އީޖާދުތައް ތައާރަފްކުރުމަށް އެހީތެރިވުމާއި، ސްކޫލްތަކާ ކުޅިވަރު މަރުކަޒުތަކުގައި ޕްލާސްޓިކް ފުޅި މަދުވާނެގޮތަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމްތަކެއް ކުރުމަށް އަމާޒުކޮށްފައިވެއެވެ.
ނޫނު އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ، "މަގޫދޫގައި ގާއިމްކުރަން ތައްޔާރުވަމުން އަންނަ ބަދިގެ ބާކީ ކާދަށް ބަދަލުކުރާ ޕްލާންޓަކީ މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރު ރިސޯޓް ފަހަރުގެ އިސްރާފުވެސް މެނޭޖްކުރެވޭގޮތަށް ހިންގުމަށް އެފެންވަރުގައި ތަރައްގީކުރެވޭ ޕްލާންޓެއްކަމުން، ޕްލާންޓްގެ ހިދުމަތް ވެލާ ރިސޯޓަށްވެސް އަންނަ އަހަރު ހުޅުވިގެން ދާނެކަމަށާއި، މިއާއި އެކު އަތޮޅުގައި މުދާ އުފުލާ ފެރީގެ ނިޒާމެއް ގާއިމްކޮށް، ނިޒާމު މެދުވެރިކޮށް އަތޮޅު ރަށްރަށާ ރިސޯޓް ބާކީވެސް ޕްލާންޓާ ހިސާބަށް އުފުލޭނެ ހިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށެވެ."
އިތުރަށް ބަޝީރު ވިދާޅުވީ، އަތޮޅު ކޮމްޕޯސްޓް ޕްލާންޓެއް މީހުން ދިރިއުޅޭރަށެއްގައި ގާއިމްކޮށް ރިސޯޓްތަކަށް ހިދުމަތް ފޯރުކޮށްދިނުމަކީ މިވަގުތު ރާއްޖޭގައި ގާނޫނާ ހިލާފްކަމެއްކަމަށާއި، އެހެނަސް އެއީ ވަކި ފެންވަރެއްގައި އެފަދަ ހިދުމަތެއް ގާއިމްކުރެވޭނަމަ، ބަންދުކޮށްފައި ބޭއްވުމަށްވުރެ ހުއްދަ ދޫކޮށްލާ ހުޅުވާލުން މާމުހިއްމު ކަމެއްކަމާއި، އެނޫންގޮތަކަށް މުޅި އިގްތިސާދު ލާމައްސައިގެން ނޫނީ، ކުދި ޖަޒީރާ ގައުމެއްގައި އަސާސީ ހިދުމަތްތަކާ ވިޔަފާރި ދެކޮޅުނުއްސޭނެކަމަށެވެ. އުއްމީދަކީ މިހާރު ރައްޔިތުންގެ މަޖްލިހަށް ހުށަހަޅާފައިވާ "ކުނީގެ ބިލް" ގާނޫނަކަށް ބަދަލުވެގެން އަންނަ ހިނދު، މި ފުރުސަތު ހުޅުވި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުވުން، އަދި ކައުންސިލުން ގާނޫނަށް އިސްލާހުވެސް ފޮނުވާ މަސައްކަތްކުރަމުން ގެންދާނަން.
މީގެއިތުރުން، އަތޮޅުގައި މި ޕްލޭން ތަންފީޒުކުރުމަށް ސޮނެވާ ޖާނީ، ސޮނެވާ ނަމޫނާ، ވެލާ ރިސޯޓް، ރޮބިންސަން ރިސޯޓާއެކު މަސައްކަތްތަކެއް މިހާރުވަނީ ފެށިފައެވެ. އަދި ހަމަ އެހެންމެ، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ ވާލްޑް ބޭންކާ މަޝްވަރާކުރެވި، ރަށްރަށަށް ބޭނުންވާ އެހީތެރިކަމާ އަތޮޅު ފެންވަރުގައި ހިންގާ ޕްލާންޓްތަކާ އިންތިޒާމްތަކުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ.