1
ދާއިރާތަކަށް އަމާޒުކޮށްގެން ސަރކިއުލަރ އިކޮނޮމީގެ ތަޢުލީމާއި ހޭލުންތެރިކަން އިތުރުކުރުން
ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅުމުގެ ސަގާފަތެއް އާލާކުރުމަށްޓަކައި، މުޖުތަމަޢުގެ އެކި ބައިތަކަށް އަމާޒުކޮށްގެން ތަޢުލީމީ މަސައްކަތްތައް ކުރަންޖެހެއެވެ. ދަރިވަރުންނަށް، އިންޓަރެކްޓިވް ދަސްކުރުމާއި، ޝައުޤުވެރިކަން ހުރި ޙަރަކާތްތަކާއި، ސަރކިއުލަރ އިކޮނޮމީ، ކުނި ވަކިކުރުން އަދި ޒިންމާދާރު ގޮތެއްގައި ކުނި ނައްތާލުމާ ބެހޭ މަޒުމޫނު ތަޢުލީމީ މެޓީރިއަލްތަކަށް އިސްކަންދޭންވާނެއެވެ. އަންނަން އޮތް ޖީލުތަކަށްޓަކައި ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރަންވާނެއެވެ. އަންހެނުންނަށް، އަޕްސައިކްލިންގ، ކޮމްޕޯސްޓް ހެދުން އަދި ތިމާވެއްޓާ ރައްޓެހި ގޭތެރޭގެ ބޭނުންތަކުގެ ތަކެތި އުފެއްދުމާ ބެހޭ ވަރކްޝޮޕްތަކާއި މަޝްވަރާ ބައްދަލުވުންތައް ބޭއްވިދާނެއެވެ. މިކަމުގައި ޢާއިލާތަކަށް ކުނި މަދުކުރުމާއި ވަސީލަތްތައް އަލުން ބޭނުންކުރުމުން ލިބޭ އިޤްތިޞާދީ ފައިދާތައް ފާހަގަކުރަންވާނެއެވެ. ވިޔަފާރިތަކަށް، ތިމާވެއްޓާ ރައްޓެހި އުފެއްދުންތައް ފަރުމާކުރުމާއި، ދެމެހެއްޓެނިވި ޕެކޭޖިންގ އަދި ކުނި މަދުކުރުމުގެ ސްޓްރެޓެޖީތައް ހިމެނޭ ސަރކިއުލަރ އިކޮނޮމީގެ އާދަތަކާ ބެހޭ ސެމިނަރތަކާއި ތަމްރީނު ސެޝަންތަކުން ފައިދާކުރާނެއެވެ. ޢަމަލީގޮތުން މިކަން ތަންފީޒުކުރުމަށް ހިތްވަރުދިނުމަށް އިނާޔަތްތަކާއި ޢަމަލީ ލަފާ ދޭންވާނެއެވެ. ރަށްރަށުގެ އިމާމުންނާއި ދީނީ ޢިލްމުވެރިންނާ ގުޅިގެން ޚުޠުބާތަކުގައި ތިމާވެށި ރައްކާތެރިކުރުމާއި ސާފުތާހިރުކަމުގެ މެސެޖުތައް ހިމެނުމާއި، ގުޅުންހުރި ޤުރްއާނީ އާޔަތްތަކާއި ޙަދީޘްތައް ފާހަގަކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅުމުގެ ސަގާފަތެއް އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.